ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ އުންމީދުތަކާ ގުޅޭ ކަންކަން ފަހިކޮށްދޭނަން: ރައީސް

09 Jan 2025, 13:32

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައިސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ، ރާއްޖޭގެ އިޤްތިާސދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތައް އެންމެ ކުޑަ ސިނާއަތްކަމަށެވެ. އަދި ރަނގަޅަށް މަސައްކަތްކޮށްފިނަމަ އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަން ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާއަތެއް ކަމަށެވެ.

ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާއަތް ފުޅާކޮށް، އެ ސިނާއަތަށް މީހުން އިތުރުކުރުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރަމުން ގެންދާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައިގެން، މަސްވެރިންގެ ހިޔާލާއެކުގައިކަމަށްވެސް ވިދާޅުވިއެވެ.

All Rights Reserved © 2025 Falas