ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރޯދަ މަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ހުވަދު އަތޮޅު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެެއިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނު ވައުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް އަތު ނުލުމަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެފަދަ ކަންތައްތަކެއް ކޮށްފައިވާ ބަޔަކު އަދި އޭސީސީން ބެލި ބެލުންތަކުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފައި ހުރި ބަޔަކު ފިޔަވާ އެންމެންނަށްވެސް ގޯއްޗާއި ފްލެޓު ދޭނެ ކަމަށެވެ. އަދި ގޯސްތަކެއް ހަދާފައި ހުރި ބައެއްގެ މައްސަލައެއް ވިއްޔާ އެ މައްސަލައެއް ބަލާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ އެ މީހަކަށް ފްލެޓު ލިބުނު ތަނަކުން ނޫނީ ގޯތި ލިބުނު ތަނަކުން އަވަހަށް އެ އެއްޗެއް ދިނުން ކަމަށް ރައީސް މުއިްއޒު ވިދާޅުވި އެވެ. އަދި އުއްމީދު ކުރަނީ ވީހާ ވެސް އަވަހަކަށް 4،000 ފްލެޓުގެ ކަންތައް ނިންމައި އިއުލާނު ކުރެވިދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރޯދައިގެ ކުރިން ފްލެޓް ލިސްޓް އިއުލާނު ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.