ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އަރުވައިފި

11 Jan 2025, 06:56

ރާއްޖޭގެ ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ޗައިނާއިން އަރުވައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވަނީ އިއްޔެ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިއްޔެ ހަވީރު ބައްދަލުކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވަނީ ޗައިނާއިން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

‎މިބައްދަލުވުމުގައި، ރައީސް މުއިއްޒު ވަނީ ހިނގަމުންދާ މަޝްރޫއުތަކާއި ދެޤައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްޤީގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއުތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުތައްކަން ފާހގަަކުރައްވާ އެ މަޝްރޫއުތަކަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި އިޤްތިސާދު ސިންދަފާތުކުރުންކަމަށާއި، އެހެންކަމުން މިދާއިރާތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

‎ޗައިނާގެ ފޮރިން މިނިސްޓަރު ވަޒީރު ވާންގް ޔީގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މީގެއިތުރުން ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށްވެސް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ- ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވެފަ އެވެ.

All Rights Reserved © 2025 Falas