ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ 3 ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ރ. ވާދޫ އަށެވެ. އެ ރަށުން ރައީސް މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށާއި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. މިގޮތުން އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.