ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތަކެއް ހުރި ކަމަށާއި އަދި އިންތިޚާބާ ދިމާކޮށް އެއްވެސް ބަޖެޓެއް ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށްވެސް މަސައްކަތް ނުފެށިހުރި މަޝްރޫއުތަކެއް ވެސް ހުރި ކަމަށެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ، ހުއްޓިފައިވާ ފެނާ ނަރުދަމާ މަޝްރޫއުތަކާއި، ސްކޫލް އިންފްރާސްޓަރަކްޗާ، ހެލްތް ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިމަހާއި މާޗްމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މީގެއިތުރުން ރައިސް މުއިއްޒު ވިދާޅުވީ އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އައްޑޫ އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.