ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ. މިކަން ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި "ޕަބްލިކް ޑިފެންޑަރސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ޤާއިމްކުރެވިފައި ހުންނަކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ޝަރުޢީ ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެ ކަމަށެވެ. އެހެންކަމުން ކުށުގެ ކުޑަބޮޑުމިނަށް ބަލައި ނަސޭހަތުގެ އެއްބަސްވުން ހެދެން ނެތް ހާލަތްތަކުގައި އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ އުސޫލުވެސް ބޭނުންކުރާ މިންވަރު އިތުރުކުރަން ބޭނުންތެރިކަމަށް ވިދާޅުވި އެވެ.
އެހެން ޤައުމުތަކުގައިވެސް ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގައިކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެންދާ ކަމަށެވެ.