ޓެކްސީ ޑްރައިވަރުން ކަންބޮޑުންތަކާއެކު ބޭއްވި އިހުތިޖާޖާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ކުއްލި މައްސަލަ ބަލައިގެންފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
ޓެކްސީ ޑްރައިވަރުންގެ ސުލްހަވެރި އިހުތިޖާޖަށް ހުރަސްއަޅާ، ޓެކްސީތައް ޓޯކޮށް، ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ އަސާސީ ހިދުމަތްތަަކަށް އުނިކަންއަންނަ ގޮތަށް ސަރުކާރުން ހިނގަމުންދާ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާތީ އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރުމަށް ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން އެކަމަށް އިޖާބަދިނުމެއްނެތި ފުލުހުން މެދުވެރިކޮށް ސަރުކާރުން އިހުތިޖާޖަށް ހުރަސްއަޅާފައިވާ ކަމަށާއި މިކަމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތަށް ހުރަސް އަޅާ ކޮށްފައިވާ ނޭއްގާނީ އަމަލެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މީގެއިތުރުން އެ ފަރާތްތަކުގެ ހަރުމުދަލަށް ގެއްލުންވާގޮތަށް ޓެކްސީތައް ޓޯކުރުމަކީ އެ ރައްޔިތުންގެ އަޑުކަނޑުވާލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ޝުއޫރުތަކަށް ބީރުކަންފަތެއްދީ، އިހުތިޖާޖު ކުރުމަކީ ކުށެއްކަމަށް ބަލައިގެން އަމަލުކުރި ކުރުން ކުށްވެރިކޮށް، މި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޑްރައިވަރުން މިނވަންކޮށް މުދާ އަނބުރާ ހަވާލުކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.