ފޮޓޯ: ރައީސް އޮފީސް

ޝަރުއީ ދާއިރާގެ ވެރިން އަދި މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ހުށަހަޅައިފި

10 Feb 2025, 13:02

އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހަރަދުތައް ކުޑަކުރުމަށް ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުުރުމަށް ހުށަހަޅައިފި އެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އެ ސިޓީގައި ވަނީ މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ އަސާސީ މުސާރަ 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ހުށަހަޅާފަ އެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ފެނިވަޑައިގަންނަވާނަމަ އެކަމުގައި ނިންމާގޮތެއް ހުށަހެޅުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން އަޅާ މިފިޔަވަޅުތައް އަޅަނީ ދެ އަހަރުގެ މުއްދަތަށެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށްވެސް ނިންމަވާފަ އެވެ. އަދި ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށްވެސް ނިންމަވާފައވާކަންވެސް ހާމަކޮށްފައިވެ އެވެ.

All Rights Reserved © 2025 Falas