މިއީ މަސްވެރިން މަސްކިރުވަން ކިއުގައި ޖެހޭނެ ފަހު އަހަރު: ޝިޔާމް

11 Feb 2025, 13:49

މިއީ މަސްވެރިން މަސްކިރުވަން ކިއުގައި ޖެހޭނެ ފަހު އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިން މަސްކިރުވުމަށް ކިއުގައި ޖެހެންޖެހެނީ އެ މައްސަލައަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ހައްލެއް ހޯދައިދެވިފައި ނެތުމުން ކަމަށެވެ.

މިވަގުތުވެސް މަސްކިރުވުމަށް މަސްވެރިން ކިއުގައި ތިބިކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ، މިއަދު ނޫނީ މާދަމާ އެ ކިއުތަކަށް މިފްކޯއިން މަސް ކިރުވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި، ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން މި ކިޔޫ އަޅުގަނޑުމެން ނައްތާލާނަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަކީ 420 މެޓްރިކްޓް ޓަނުކަށެވެ. އަދި މަސް ގަންނަން މިދިޔަ ސަރުކާރުން ގެނައި ޖަޒީރާ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަން ފާހަގަ ކުރެއްވި އެވެ.

އެ ބޯޓުތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރެވޭކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެ ބޯޓުތައް ދެ ދުވަހެއް ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

All Rights Reserved © 2025 Falas