ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ

ގާތްގާތުގައި ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް: ފަހުމީ

04 Mar 2025, 12:09

ސްޓެލްކޯއިން ގާތްގާތުގައި 2 ކަރަންޓު ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިކަމުގައި ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދިއުމާ ގުޅިގެން އެކަންކަން ސާފުކޮށްދެއްވާ ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމަށެވެ.

ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއްކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ، އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން ކަމަށެވެ.

ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ މި ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް ކަމަށެވެ. މިކަމުގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލު ދެއްކުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައިވާނެކަންވެސް ފާހަގަ ކުރެއްވި އެވެ.

"މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު."

މީގެ އިތުރުން ފަހުމީ ވިދާޅުވީ މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށެވެ.

All Rights Reserved © 2025 Falas