ޑރ. އަހުމަދު ޝަމްހީދު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްފި

04 Mar 2025, 12:15

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 46 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

މި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ކޯޓަށް ނުފޫޒު ފޯރުވުމަށް އެކި ކަންކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނު ބަދަލުކުރުމަށް ފާސްކޮށްފައިވާ ކަމަށާއި އަދި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނިކޮށް 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މީގެއިތުރުން މިފަދަ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ވުޖޫދުގައިނެތް ސުލޫކީ މައްސަލަތަކެއް އުފައްދައި، ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި މަރުތަޅުއެޅުވިފައި އޮތުމުން ރާއްޖޭގައި ދުސްތޫރީ ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

All Rights Reserved © 2025 Falas