ފަނޑިޔާރު ހުސްނުއްސުއޫދު ޝަރީއަތުގައި--

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

04 Mar 2025, 12:23

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާ ސުއޫދު ވަނީ އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފަ އެވެ.

ހުސްނުއްސުއޫދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހެޅި ދުސްތޫރީ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާއެކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ބެލުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ވެސް ފާސްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލަ ރައީސް މުއިއްޒު އެދޭ ގޮތަށް ނިންމުމަށް، ޤާނޫނުއަސާސީ ޚިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ސުއޫދު ވިދާޅުވެފައިވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވަނީ އެކަންކަމާ ގުޅިގެން އިހްތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވިއިރު، އޭނާ ހިމެނޭހެން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އެއީ ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެވެ.

All Rights Reserved © 2025 Falas