ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ. މި ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާ ކުރުމަށް ވަނީ، އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ބުނެފައިވަނީ، ޖަނަވާރަށް އަނިޔާ ކުރާނަމަ ދިން އަނިޔާގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބިލުގައި ވާގޮތުން ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަމަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.