ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާގެ ފަރާތުން، އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކުރެއްވިއެވެ.
އެ ބޭފުޅުންގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުއިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ހާމަކުރައްވައި، ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހި މުޖުތަމަޢަކީ ތަހުޒީބު މުޖުތަމަޢަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އިސްރަށްވެހިންގެ ޖަމުޢިއްޔާގެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ.