ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު--

ފަނޑިޔާރު އަޒްމިރާލްދާ ދިފާއުގައި 28 ހެއްކެއް ޖޭއެސްސީއަށް ހުށަހަޅައިފި

06 Apr 2025, 12:31

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންގެންދާ ސުލޫކީ މައްސަލައިގައި ދިފާއުގައި 28 ހެއްކެއް ހުށަހަޅައިފި އެވެ. 

ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލަގައި ޖޭއެެސްސީގެ ތަހުގީގު ރިޕޯޓަށް އަޒްމިރާލްދާގެ ފަރާތުން މިއަދު ވަނީ ޖަވާބު ހުށަހަޅާފަ އެވެ. 

އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި ވަނީ ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅާފައިވެ އެވެ. ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ވަނީ މި ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް އެދިފައިވެ އެވެ. 

ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ވަނީ މި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންގެންދަނީ، ފަނޑިޔާރުގެ ފިރިކަލުން ހައްޔަރުކޮށް ބަންދު މުއްދަތުޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްވެސް އަންނަނީ ބަލަމުންނެވެ. މި 2 ފަނޑިޔާރުން މިވަގުތުތިބީ ސަސްޕެންޑް ކޮށްފަ އެވެ.

All Rights Reserved © 2025 Falas