ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހައްޔަރުކުރިއިރު ޝަމްއާންވެސް ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ، ޝަމްއާންގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށެވެ.
ފުލުހުން މި މައްސަލައިގައި މީގެކުރިން ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. މީގެއިތުރުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންގެންދާއިރު، މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބާބެހޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.