2023 ނޮވެމްބަރު 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވީ ދިވެހިރައްޔިތުންގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ވައުދާއި އެކުއެވެ. މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭބޭފުޅުންނަށް ނިންމަވަން ކެރިވަޑައިނުގަތް އެތައް މަސައްކަތެއް ކުރައްވާނެ ކަމުގެ އަދި ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަސްލަހަތުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމަވާނެ ކަމުގެ އުންމީދީ ވާހަކަތަކާއެކުއެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް މިއަދު އަހަރެއް ވެގެންދާއިރު ފެންނަން އޮތީ ރައްޔިތުންގެ ފަޅީގައި ހުންނަވާ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާތަކެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ދާކަމުގެ ވާހަކައަކީ މިފަހަކުން ދެކެވެންފެށި ވާހަކައެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދު ނުރައްކަލުގައި އޮތްކަމުގެ ރަނގަބީލު ބޭރުގެ ފަރާތްތަކުން ޖަހާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރީގެ ވެރިންނަށް ނުކުރެއްވުނީ އެބޭފުޅުންގެ މައްޗަށް އޮތް ނުފޫޒުތަކަކާހެދި ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ. ރައްޔިތުންގެ ފަޅީގައި ތިބުމުގެ ބަދަލުގައި އެބޭފުޅުން ނިންމެވީ މަދު މަހުޖަނުންގެ ޖީބުގައި ތިއްބެވުމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު މިއަދު މިވަނީ ރައްޔިތުންގެ ހައްޤުގައި އިގްތިސާދު ހަމަޔަކަށް އެޅުއްވުމުގެ ބިޔަ މަސައްކަތްވެސް ފައްޓަވާފައެވެ.
ސިޔާސީ ގޮތުން ކުރަން އުނދަގޫ މިމަސައްކަތް އެމަނިކުފާނު ފައްޓަވާފައިމިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއިއެކުއެވެ. ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން މާލީ އެތައް ފައިދާއެއް ހޯދަމުންދާ ވިޔަފާރިވެރިންގެ ފުށުން ގައުމަށް ލިބެންޖެހޭ ފައިދާ ހޯއްދެވުމުގެ މަސައްކަތް އެމަނިކުފާނު މިވަނީ ފައްޓަވާފައެވެ. ސިއްހީކަންކަމުގެ ނާޖައިޒު ފައިދާނަގާ, އުފެދިފައިވާ ”މެޑިކަލް މާފިއާ“ ނިމުމަކަށް ގެނެސް އާސަންދަ ހަމައަކަށް އެޅުވުމުގެ މަސައްކަތް ރައީސް މުއިއްޒު މިވަނި ފައްޓަވާފައެވެ. އެއްވެސް ހަމައެއް ބެލުމެއްނެތި ސަރުކާރުން ދެމުންދާ ސަބްސިޑީތަކާއި އެހީތަކަކީ އޭގެ ހައްޤުވެރިންނަށް އެކަށޭނަ ގޮތެއްގައި ދެވޭ އެއްޗެއްކަން ޔަގީންކުރުމުގެ ބިޔަ އުނދަގޫ މަސައްކަތްވެސް ރައީސް މުއިއްޒު ވަނީ ކުރައްވާނެކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ވައުދު ރަނުން ރަނަށް ފުއްދުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން އެމަނިކުފާނު އެބަ ސާބިތު ކޮށްދެއްވައެވެ.
ކުރީގެ ސަރުކާރާމެދު ރައްޔިތުންގެ ގިނަ ބައެއްގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ރާއްޖޭގެ މައްޗަށް ބޭރުގެ ޤައުމަކުން ބަސްކިޔަމުންދިޔުމެވެ. ރާއްޖޭގެ ސިޔާސީ އަދި ސިޔާދަތީ ބާރަށް ބޭރުގެ ނުފޫޒަކުން އަތްގަދަކުރާ ކަމުގެ ޝަކުވާއެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއްވީއިރު އެކަމަށް މިއަދު މިވަނީ ހައްލެއް ހޯއްދަވާދެއްވާފައެވެ. މިއަދު ދިވެހިންގެރާއްޖޭގައި ބޭރުގެ ގައުމެއްގެ އަސްކަރީ ނުފޫޒު އޮތްކަމަށް ބުނެވޭނެ ހަމައެއްވެސް ޖާގައެއް ނެތެވެ. އިންޑިއާ ސިފައިން މިފަސްގަނޑުން ބޭރުކޮށްފިއެވެ.
ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަސްކަރީގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި އެބަހުއްޓެވެ. އެންމެ ބޮޑު ކަމަކީ ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހި މަސްކަނޑުގެ ހިމާޔަތްކުރެވޭނެކަން ޔަގީންކުރެއްވުމަށް ދިވެހިންގެ ރައީސް ކުރެއްވި މަސައްކަތެވެ. ޑްރޯންގެ އެހީތެރިކަމާއެކު މިއަދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ދިވެހި ސިފައިން ކަށަވަރު ކުރައްވަމުން އެގެންދަވަނީ ރައީސް މުއިއްޒުގެ ހިކުމަތްތެރިކަމުން ކުރެއްވި ވަރަށްވެސް ފުރިހަމަ މަސައްކަތްޕުޅަކުންނެވެ.
ފަތުރުވެރިންނަށް ސުވަރުގެ, ރައްޔިތުން ހުރަގެއަކަށް ވެފައިވާ މިރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ އިސްލާހީ ރަނގަޅު ހައްލެއް ހޯދައިފައި ނެތް މައްސަލައެކެވެ. ދިރިއުޅުމުގެ ހަރަދުތައް އިތުރުވެ ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބިއުޅޭ ކިތަންމެ ރައްޔިތަކު މިރާއްޖޭގައި އެބައުޅެއެވެ. އެ ރައްޔިތުންނަށް އުންމީދެއް ގެނުވީ ރައީސް މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމުލަ ހައްލެއް ގެނެސްދެއްވުމަށް ”ރަސްމާލެ“ މަޝްރޫއު ފެއްޓެވިއެވެ. ބަޖެޓް ދަތިކަން ހުރިނަމަވެސް އެ މަސައްކަތް އަނެއްކާވެސް ފެށުގެން ކުރިއަށްދާއިރު ބޯހިޔާވަހިކަމަށ ްތައްޔާރުކުރާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ދަނީކުރިއަށެވެ. އަދި ގެދޮރިވެރިކަމަށް ބޭނުންވާ ފަރާތްތަކަށް ލުއި ޝަރުތުތަކާއެކު ލޯނު ދޫކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.
މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވުމެވެ. ކުރީގެ ސަރުކާރުތަކަށް ވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް އެކަށޭނަ މަސައްކަތެއް ނުކުރެވިފައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައައް ހައްލެއް ހޯއްދެވުމަށް ރައީސް މުއިއްޒުވެ ވެރިކަމުގެ ފުރަތަމަ އަހަރު ކުރައްވާފައިވާ މަސައްކަތްތަކަކީ އެކަމަށް ރައްޔިތުންގެ ޝުކުރު އޮހޭފަދަ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާ އެއްގޮތަށް ހޯމް މިނިސްޓްރީން ވަނީ އިމިގްރޭޝަން އަދި ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ބޭނުން އެންމެ ފުރިހަމައަށް ކުރައްވާ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އުޅެމުންދިޔަ ބިދޭސީން އަތުލައިގަތުމުގެ ފުރިހަމަ މަސައްކަތެއް ކުރައްވާފައެވެ. މިއީ ދިވެހީންގެރާއްޖެއަކަށް ދެވުނު ކަމުގެ ފުރިހަމަ އިހުސާސްކުރެވޭފަދަ ބޮޑު މަސައްކަތެކެވެ.
ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކުރުމަށް ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން މިހާރު ކުރަމުންގެންދާ އަނެއް ބޮޑު މަސައްކަތަކީ ގޭންގްތައް މަތަކުރުމަށް ކުރަމުންދާ މަސައްކަތެވެ. ކުށުގެ ވެއްޓަށް ކުޑަކުދިން ވައްދާ, މަސްތުވާތަކެއްޗާއި އެކިއެކި ކުށްތައް ހިންގުމުގައި އުޅޭ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރުގަދަ ބިލެއް ޑްރާފްޓްކޮށް ޤާނޫނަކަށް ހެދުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މިއީ ރާއްޖޭގައި އޮތް ގޭންގް މައްސަލައާއި އެކިއެކި ކުށްތަކަށް ހައްލެއް ގެނުވާނެ މަސައްކަތެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު އެމަނިކުފާނު ނިންމަވަން މި ޖެހިވަޑައިގަތީ ސިޔާސި ގޮތުން ވެރިކަމެއްގެ ފުރަތަމަ އަހަރު ވެރިއަކު ނުނިންމަވާނެފަދަ އުނދަގޫ ނިންމެވުންތަކެކެވެ. އެމަނިކުފާނަށް ކުރިމަތިވެދާނެ ޕްރެޝަރާއި ސިޔާސީ ދައްޗަކަށް ނުބައްލަވާ އެމަނިކުފާނު ނިންމެވީ ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ހަމަހަމަކަން ގާއިމު ކުރުމުގެ މުހިންމު ނިންމެވުންތަކެކެވެ.